ރައީސުލްޖުމްހޫރިއްޔާ ވިލުފުއްޓަށް ކުރައްވާ ދަތުރުފުޅުގެ އެންމެހާ ކަންކަން އިންތިޒާމްކުރުމަށްޓަކަައި ދާއިރާގެ މަޖިލިސް މެމްބަރު ކައުންސިލާއި ބައްދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެންމެހާ ކަންކަން ފުރިހަމައަށް އިންތިޒާމްކުރުމަށްޓަކަައި، ވިލުފުށި ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ވަޙީދު، ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީންއާއި ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޖިލިސް މެމްބަރު ޙަސަން ވަޙީދު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވިލުފުށީ ރައްޔިތުންނަށް ފައިދާހުރި ގިނަކަންތައްތަކެއް ހިމެނިފައިވާ ދަތުރުފުޅެއް ކަމަށާއި، މިއީ ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުޙިންމު ބަދަލުތަކެއް ގެނެސްދޭނެ ދަތުރުފުޅެއް ކަމުގައި ވެގެންދާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ދުރުވާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ތަރައްޤީއަށް ހުރި ހުރަސްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 24، 2025 ގައި ރަށުގެ ތަރައްޤީއާއި ގުޅޭ ގިނަ މަޝްރޫޢުތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުތައް ބާއްވާނެ ކަމަށް ވެސް މަޖިލިސް މެމްބަރ ޙަސަން ވަޙީދު ވިލުފުށީ ކައުންސިލްއަށް މަޢުލޫމާތު ދެއްވިއެވެ. އަދި މި ރަސްމިއްޔާތުތަކުގައި، ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް