"ދަ ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީ ބޯލް އެޑިޝަން" އިޢުލާންކޮށްފި

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން، ވިލުފުށީގެ ކުޅިވަރު އާއިލާއަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް "ދަ ޔުނިޓީ ޗެމްޕިއަންޝިޕް"ގެ ނަމުގައި ކުޅިވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިހިނގާ 2025 ވަނަ އަހަރުގައި "ދަ ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީ ބޯލް އެޑިޝަން" ބޭއްވުމަށްޠަކައި މިހާރުވަނީ މުބާރާތް އިޢުލާންވެސް ކޮށްފައެވެ. މި މުބާރާތަކީ ވިލުފުށީ ކައުންސިލުން ފަންޑްކޮށްގެން އިންތިޒާމްކޮށް ބޭއްވުމަށް ނިންމައިފައިވާ ކައުންސިލްގެ މުބާރާތެކެވެ.

"ދަ ޔުނިޓީ ޗެމްޕިއަންޝިޕް"ގެ ވޮލީ ބޯލް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ވިލުފުށީގެ ރަސްމީ ވޮލީ ކޯޓުގައެވެ. ވިލުފުށީ ކައުންސިލުން ވިދާޅުވީ، ކޮންމެ އަހަރަކުވެސް ރަށުގެ ކުޅިވަރު އާއިލާގެ މެދުގައި މިފަދަ ބޮޑު ކުޅިވަރު މުބާރާތެއް ބާއްވާނެ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ވިލުފުށީ ކައުންސިލުން ވަނީ ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް ރަށުގައި ޤާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ.

"ދަ ޔުނިޓީ ޗެމްޕިއަންޝިޕް" ވޮލީބޯލް އެޑިޝަންއަކީ، ވޮލީ ކުޅޭ ދެ ޖިންސްގެ ކުޅުންތެރިންނަށްވެސް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މިގޮތުން، ކޮންމެ ދެއަހަރަކުން އެއް އަހަރު "ދަ ޔުނިޓީ ޗެމްޕިއަންޝިޕް"ގެ ވޮލީ ބޯލް އެޑިޝަން އާއި ފުޓްސަލް އެޑިޝަން ގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. "ދަ ޔުނިޓީ ޗެމްޕިއަންޝިޕް"ގެ ވޮލީ ބޯލް އެޑިޝަންގެ ވުމެންސް ޑިވިޝަން އާއި މެންސް ޑިވިޝަންވެސް ބާއްވާނެއެވެ. އެގޮތުން 2023 ވަނަ އަހަރު ކައުންސިލުން ބޭއްވި "ދަ ޔުނިޓީ ޗެމްޕިއަންޝިޕް" ވޮލީ ބޯލް އެޑިޝަން ވުމެންސް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ފުލެއާސް އިންނެވެ. އަދި މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ކަޔަކް ބްރަދާސްއިންނެވެ،

މިމުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ ރަށުގެ ކުޅިވަރު ދިރުވައި އާލާކުރުމާއި، ކުޅުންތެރިންގެ ހުނަރު ތަރައްޤިކުރުމުގެ އިތުރުން ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކޮށް، ވިލުފުއްޓަކީ ކުޅިވަރުގެ ރޮނގުންވެސް އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭނެ ރަށަކަށް އަނެއްކާވެސް ވިލުފުށި ހެދުމެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް