ވަނަވަރު

ކޮޅުމަޑުލު ވިލުފުށި
ކޮޅުމަޑުލު ވިލުފުއްޓަކީ، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އިދާރީ ގޮތުން ކޮޅުމަޑުލުގެ ރަށްތައް ތަރުތީބުކޮށްފައިވާ ގޮތުން ވިލުފުއްޓަކީ އަތޮޅުގެ ދެވަނަ ރަށެވެ. ވިލުފުއްޓަށް ނިސްބަތް ކުރެވޭ ކޯޑަކީ، N2 އެވެ.
ވިލުފުށި އުފެދިފައި ވަނީ، ތ. އަތޮޅުގެ އިރު އުތުރު ދުނީގައެވެ. މިރަށަކީ، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމަށް ރަށްތައް ޚިޔާރުކުރި މައިގަނޑު ސަބަބުތައް ފެންނަ ހުރި ރަށެކެވެ. މިގޮތުން ވިލުފުއްޓަކީ، އެޒަމާނަށް ބަލާއިރު ލަފާފުރުން ދަތި، އަދި އެކަހެރިކޮށް ތިލަފަޅެއްގައި އޮތް ފުއްޓަރުމަތީ ރަށެކެވެ.
ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެން ފެށީ ކޮންޒަމާނެއްގައިކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ރާއްޖެ އިސްލާމްވުމުގެ ކުރީންވެސް ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެމުން އައިކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މިގޮތުން މަޝްހޫރު ދަނބިދޫ ލޯމާފާނުގައި ވިލުފުށީގެ ވާހަކަ ހިމެނިފައިވުމަކީ، ރާއްޖެ އިސްލާމްވި އިރުވެސް ވިލުފުށީގައި މީހުން އާބަދުވެ ދިރިއުޅެމުން އަންނަ ކަމުގެ ސާފު ދަލީލެކެވެ. އެހެންކަމުން، ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެމުން އަންނަތާ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ޔަޤީން ކުރެވެއެވެ.
ވިލުފުށީ މީހުން އާމުދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުން އައީ މަސްވެރިކަމާއި ރައިވެރިކަމެވެ. އިހުގައި ކޮންމެވެސް ވަރަކަށް އޮޅުކޮނެ އަލަ ހައްދައި އުޅުނު ނަމަވެސް، ގޮވާން ކުރުމުގެ ދަނޑުވެރިކަން ކޮށްއުޅުނު ކަމެއް އެނގޭކަށް ނެތެވެ. 1999 ވަނަ އަހަރު ރަށުގެ ބަނދަރުކޮނެ ފަޅު ފުންކުރުމުގެ ކުރިން، ރަށުގެ އުތުރުކޮޅާއި ދެކުނު ކޮޅުގައި އޮތް ގުދުރަތީ ދެވިލު އޮޑި ދޯނި ފަހަރު އަޅާ ގުދުރަތީ ބަދަރެއްގެ ގޮތުގައި ބޭނުންކުރަމުން އައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ހަމައަށް ރަށުގައި މަހަށް ފުރާ ދުއްވާ 19 ދޯންޏާއި، މާލެ ދަތުރުކުރާ ތިން ބައްތެއްޔާއި، ދެ ބޯޓު އޮތެވެ. އަދި އައްޑޫ އާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ މާލެ ދަތުރުކުރާ ބޯޓު ފަހަރު ދަތުރުތަކުގައި ވިލުފުއްޓަށް ބަނދަރު ކުރެއެވެ.
ވިލުފުށީގެ އާބާދީއަކީ މިހާރު، ------ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ---- ފިރިހެނުންނާއި، ---- އަންހެނުންނެވެ. ސުނާމީ ކާރިސާއަށް ފަހު، މާލެ ސަރަހައްދަށް ރަށްވެހިކަން ބަދަލު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ވިލުފުށީގެ އާބާދީއަށް ވަނީ އެކަމުގެ ނުރަނގަޅު އަސަރުކޮށްފައެވެ.
ވިލުފުށީގެ ޒަމާންވީ އާސާރީތަންތަނުގެ ތެރެއިން މިހާރު ފެންނަން ހުރީ ވަރަށް މަދު ތަނެކެވެ. ސުނާމީ ކާރިސާގައި ގިނަ ތަންތަން ވަނީ ހަލާކުވެގެން ގޮސްފައެވެ. ކުރިން ވިލުފުށީގައި ދެ ޒިޔާރަތެއް ހުއްޓެވެ. އެއީ ރަށުގެ ދެކުނު ކޮޅުގައި ހުރި ޒިޔާރަތަކާއި ބައުމިސްކިތު ގޯތިތެރޭގައި ހުރި ޒިޔާރަކެވެ. ދެޒިޔާރަތަކީވެސް ހިރިގަލާއި އުވައިން އިމާރާތްކޮށް ހައިވަކަރުންނާއި ނިރޮޅުން މަތި ވަޑާންގަނޑު ހަދާފައިވާ ދެ ޒިޔާރަތެވެ. އިހުގައި މި ދެޒިޔާރަތަށްވެސް މީހުން ނަދުރުބުނެ އުޅުނެވެ. ދެކުނު ކޮޅުގައި ހުރި ޒިޔާރަތް ތަޅާލެވުނު 1980ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ރަށުގެ ދެކުނު ކޮޅުގައި ހުރި ޒަމާންވީ ބޮޑު ދެ ބެރެބެދިގަސްވެސް ކަނޑައިލީ އޭގެ ފަހުންނެވެ. ރަށުގެ ދެކުނު ކޮޅުގައި ހުރި ގާތްގަނޑަކަށް 100 ވަރަކަށް އަހަރުވީ ކާނިގަސް އަނދައިގެން ގޮސް ނެތި ދިޔައީ ސުނާމީ ކާރިސާގެވެސް ފަހުންނެވެ.
ވިލުފުށީގައި މިހާރު ފެންނަން ހުރި އާސާރީތަނަކީ، މިހާރު ހިޖުރީގޮތުން 100 އަހަރުވެފައިވާ ވިލުފުށީގެ ބައު މިސްކިތާއި އެމިސްކިތުގެ ޒިޔާރަތެވެ. ބައު މިސްކިތަކީ، ހިރިގަލުން ހަދައި ހައިވަކަރުންނާއި ރުއް ނިރޮޅުން މަތިވަޑާންގަނޑު ހަދާފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ތަނބުތަކާއި މިސްކިތުގެ މަތިވަޑާންގަނޑުގެ ބެރިތައް ހުރީ ލާފެންކޮށްފައެވެ. މަތިވަޑާން ގަނޑުގައި، ފަތަޙަ ސޫރަތުގެ ފުރަތަމަ އާޔަތްތައް ލިޔެފައިވެއެވެ.
މިމިސްކިތުގެ ކުރިމަތީގައި ހިރިގަލުގެ ވެވަކާއި، ހިރިގަލުގެ ބޮޑު ވަޅެއް ހުއްޓެވެ. އަދި އޭގެ ކައިރީގައި ވަގުތު ބަލައި އުޅުމަށް ވަގުތުގަލެއް ބެހެއްޓިފައި ހުއްޓެވެ. އަދި މިސްކިތުގެ އިރުމަތީ ފަރާތާއި އުތުރު ފަރާތުގައިވެސް ހިރިގަލުގެ ހަތަރެސްކަން ދެވަޅު ހުއްޓެވެ. މިހާރުވެސް މިދެވަޅު ފެންނާން އެބަހުއްޓެވެ. 1900ގެ އަހަރު ތަކުގެ މެދުތެރޭގައި އެ މިސްކިތުގެ އުތުރު އިރު ދެކުނު ފަރާތުން ހަރިންމަ ނަގައި ގޯތި ދިނުމުން މިސްކިތު ވެވާއި، ބޮޑު ވަޅު ނެތި ދިޔައީއެވެ.
ވިލުފުށީގައި ވަރަށް ކުރިން ރަސްމީ ތައުލީމުދޭން ފެށިފައި ވެއެވެ. މިގޮތުން މަކުތަބުލް ޖިހާދުގެ ނަމުގައި އުފެދުނު ވިލުފުށީ މަދަރުސާގެ ބާނީއަކީ، ތ. ވިލުފުށީ ފެބްރިކްވިލާ އިސްމާއީލް ޝަމީމެވެ. މަކުތަބުލް ޖިހާދުގެ ނަމުގައި ހިންގި މަދަރުސާގެ ނަން މަދަރުސަތުލްޖިހާދުގެ ނަމަށް ބަދަލުކުރެވުނެވެ. އޭގެ ފަހުގައި ވިލުފުށީ ސްކޫލުގެ ނަމަށް ނަން ބަދަލުކުރެވުނީ 2009 ވަނަ އަހަރުގައެވެ.
މީގެ އިތުރުން، އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޞިއްޙީމަރުކަޒުތައް ޤާއިމް ކުރެވުނު ރަށްތަކުގެ ތެރޭގައި ވިލުފުށި ހިމެނެއެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވި ބަލިމަޑުކަމާއި ޤުދުރަތީ ކާރިސާތަކުގައި ވިލުފުއްޓަކީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވި ރަށެވެ. ރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑު ކަމުގައި ވިލުފުށީން ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. އަދި ސިގެއްލާ ރޯގާގައިވެސް ވިލުފުށިން މީހުން މަރުވިއެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަކީ، މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުން އައިތާ 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ވިލުފުއްޓަށް ހުރިހާ ރޮނގަކުންވެސް ބޮޑެތި ގެއްލުންތައް ލިބުނު ކާރިސާއެކެވެ. ސުނާމީ ކާރިސާގައި ވިލުފުށިން މަރުވި މީހުންނާއި ގެއްލުނު މީހުންގެ ޖުމުލަ އަދަދަކީ 17 އެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި އެއް ރަށަކުން އެންމެ ގިނަ މީހުން މަރުވި ރަށަކީ ވިލުފުއްޓެވެ. އެކާރިސާ އާއި ގުޅުންހުރި ބަލިތަކުގައި މަރުވި މީހުންގެ އަދަދާއި އެކު މަރުވި މީހުންގެ ޖުމުލަ އަދަދު އެއަށްވުރެވެސް މަތިވާނެކަމަށް ބެލެވެއެވެ.
ވިލުފުށި ފަޅުވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ސުނާމީ ކާރިސާ އާއި ގުޅިގެންނެވެ. ވިލުފުށި އަލުން އާބާދުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ވިލުފުށީ މީހުން އަލުން އެނބުރިއައިސް ވިލުފުށީގައި ދިރިއުޅެން ފެށީ 2009 ވަނަ އަހަރުގެ މެއި މަހުންފެށިގެންނެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، އޭރުގެ ސަރުކާރުން ވިލުފުށި ތަރައްޤީ ކުރީ، ސޭފް އައިލެންޑް ކޮންސެޕްޓްގެ ދަށުން، ރައްކާތެރި ނަމޫނާ ރަށެއްގެ ގޮތުގައެވެ. ސުނާމީގެ ކުރިން ވިލުފުއްޓަކީ 14 ހެކްޓަރުގެ ރަށެކެވެ. ސުނާމީ ކާރިސާއަށް ފަހު، 61 ހެކްޓަރަށް ބިން ހިއްކައި ބިން ބޮޑު ކުރުމަށާއި، ރިވެޓްމެންޓް ޖެހުމަށާއި ގެދޮރު އެޅުމަށް 331 މިލިޔަން ރުފިޔާ ޚަރަދު ކުރެވުނެވެ. އަދި ބްރިޓިޝް ރެޑްކުރޮސްއިން ވިލުފުށީގައި 250 ގެ އަދި ސަރުކާރުން 59 ގެ އިމާރަތްކޮށްދިނެވެ.
ސުނާމީ ކާރިސާއަށްފަހު ޢުމްރާނީ ގޮތުން ވިލުފުށި ވަނީ ވަރަށް ބޮޑަށް ތަރައްޤީކުރެވިފައެވެ. ހަމައެއާއެކު ރަށުގެ ޤަދީމީ ތާރީޚާއި އާސާރުތަކާއި އާދަކާދަތައް ގެއްލިގެން ގޮސްފައިވެއެވެ.