ތަޢާރަފު
ވިލުފުށީ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"ގެ ދަށުން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚުސެކެވެ. ލާމަރުކަޒީ ޤާނޫނު ވުޖޫދުވުމާގުޅިގެން ކުރިން ހިންގަމުންއައި ވިލުފުށީ ރަށު އޮފީހުގެ އެންމެހާ މަސައްކަތްތަކާއި ރަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ ހަރުމުދަލާ، ތަންތަން އަދި މުވައްޒަފުން، ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ވިލުފުށީ ކައުންސިލަށް ނަގުލުކުރެވުނެވެ. ކައުންސިލްގެ މައިގަނޑު ބޭނުމަކީ ވިލުފުށީގެ ރައްޔިތުންނާއި ގުޅުންހުރި އެންމެހައި ކަންކަން ޑިމޮކްރަސީ ޤަބޫލްކުރާ އުސޫލުތަކާއި ހަމަތަކުގެމަތިން ނިންމުމަށް މަގުފަހިކޮށްދީ، އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، ވިލުފުށީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ މަގުތައް ފަހިކޮށްދީ، ވިލުފުށީގައި އަމާންވެއްޓެއް ޤާއިމްކޮށް ދިނުމެވެ. މަތީގައި ބަޔާންކުރެވުނު މަޤްޞަދުތަށް ޙާޞިލްކުރުމަށް މިކައުންސިލުން ކުރިއަށްގެންދާނެ އެންމެ މުހިންމު މަސައްކަތްތަކަކީ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކައުންސިލްގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި، އެޕްލޭންތަކަށް ރިޢާޔަތްކޮށް ތަރައްޤީގެ މަޝްރޫޢުތައް ރާވައި، ބަޖެޓް ތައްޔާރުކޮށް އެކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމެވެ.
ތަޞައްވަރު
" އެއްބައިވަންތަ ވިލުފުށި "
އަމާޒު
" އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، ވިލުފުށީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ މަގުތައް ފަހިކޮށްދީ، ވިލުފުށީގައި އަމާންވެއްޓެއް ޤާއިމްކޮށް ދިނުން "