ސުނާމީ ކާރިސާ

ކޮޅުމަޑުލު ވިލުފުއްޓަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެގެންދިޔަ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ސުލްހަޔާއި ހަމަޖެހުމާއި އުފާވެރިކަމުގެ ދިގު ހާހެއްހާ އަހަރަށްފަހު މުޅި ވިލުފުށި އެކުގައި ބަދަލުކޮށްލީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަޓްރާގެ ހުޅަނގުން, ކަނޑުގެ އަޑިއަށް އައި ބާރުގަދަ ބިންހެލުމާއެކު އުފެދުނު ބިޔަ ސުނާމީގެ ސަބަބުންނެވެ.

މުޅި ރާއްޖެއަށްވެސް ސުނާމީ ކާރިޘާގައި ބޮޑެތި ގެއްލުންތައް ލިބުނު އިރު އެއްރަށަކަށް އެންމެ ބޮޑު ގެއްލުންތައް ލިބުނު ރަށަކީ ކޮޅުމަޑުލު ވިލުފުއްޓެވެ. އަދި އެންމެ ގިނަ މީހުން ނިޔާވި އެއްރަށަކީވެސް ވިލުފުއްޓެވެ. ސުނާމީއާއި ގުޅިގެން ގެއްލުނު މީހުންނާއެކު ވިލުފުށިން ޖުމްލަ 17 މީހަކު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެގެންދިޔައެވެ. އޭރު ވިލުފުށީގެ އާބާދީގައި ތިބީ 1886 މީހުންނެވެ. ސުނާމީ ކާރިޘާގައި ވިލުފުށީގައި ހުރި ގެތަކުގެ 95 އިންސައްތަ މުޅިން ހަލާކުވެގެން ދިޔައެވެ. ރަށުގެ އިރުމަތިން އެރި ރާޅުގެ އުސްމިނުގައި 26 ފޫޓް ހުރިއިރު، ފައިބައިގެން ދިޔަ ރާޅާއެކު އެތައްބަޔަކުވަނީ ގެއްލިފައެވެ. އަދި ނިޔާވި ބައެއް މީހުންގެ ހަށިތައް ތ.އަތޮޅު ހުޅަނގު ދުނީގައި އޮންނަ ދެ ފަޅުރަށް ކަމުގައިވާ ކަކުޅޮހާއި ކަފިދޫގެ ގޮނޑުދޮށުން ފެނިފައިވެއެވެ.

ސުނާމީ ކާރިޘާއާއި ގުޅިގެން ވިލުފުށީގެ ރައްޔިތުން އަތޮޅުގެ އެހެން ރަށްރަށާއި މާލެއަށް ހިޖުރަކުރިއިރު، ސުނާމީ ކާރިޘާ ހިނގިދުވަހާއި ވިދިގެންއައި ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިޔަވައި ވިލުފުށީގައި އެއްވެސް މީހަކު ނެތި ފަޅުވި ދުވަހެއް ނާދެއެވެ. ސުނާމީ އެރިއިރު ވިލުފުށީގައި ހުރި 243 ގޭގެ ތެރެއިން މަދު ގެއެއް ފިޔަވާ ހުރިހާ ގެއެއް ވަނީ ވީރާނާވެފައެވެ. އަދި އަލުން ރަށް އާބާދުކުރުމަށްޓަކައި މުޅި ރަށުގެ ހުރިހާ ޢިމާރާތެއް ތަޅާލާ ބިން ސާފުކުރިއިރު، ތަޅާނުލާ ބެހެއްޓި މަދު އިމާރާތްތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ ޒިޔާރަތް މިސްކިތާއި، ސުކޫލާއި، ސިއްހީމަރުކަޒާއި އަދި ރަށު އޮފީހުގެ އިމާރާތެވެ.

ސުނާމީ ކާރިޘާއާއި ގުޅިގެން ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިލުފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިލުފުށީގެ ރައްޔިތުންނަށް އަލުން މިރަށް އާބާދުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ވިލުފުށި އަލުން އާރާސްތުކުރުމަށް އޭރުގެ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްވެސް ކުރެއްވެވިއެވެ. ސުނާމީއާއި ގުޅިގެން ރާއްޖެއަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ބިލްކްލިންޓަނާއި ޖޯޖްބުޝް އަދި އ.ދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީއަނާން ވިލުފުއްޓަށް ޒިޔާރަތްކުރައްވާފައިވެއެވެ.

ސުނާމީ ކާރިޘާއަށް ފަހު ވިލުފުއްޓަށް އުމްރާނީ ތަރައްޤީގެ ގިނަ ކުރިއެރުންތަކެއް ގެނެވުނުއިރު، ވިލުފުއްޓަކީ އޭރުގެ ސަރުކާރުން ސޭފް އައިލެންޑްގެ ކޮންސެޕްޓްގެ ދަށުން އާރާސްތުކުރުމަށްޓަކައި ކުރީގެ ދެ ވަޒީރު ބޭފުޅުންކަމުގައިވާ އަލްފާޟިލް ޙަމްދޫން އަބްދުﷲ ޙަމީދާއި އަލްފާޟިލް މުހައްމަދު މަޢުރޫފް ޖަމީލްގެ ސީދާ ބެއްލެވުމުގެ ދަށުން ތަރައްޤީކުރުމަށް ނިންމެވި 05 އާބަންސެންޓަރުގެ ތެރެއިން އެންމެ ގިނަ މަސައްކަތްތައް ކުރެވިފައިވާ އެއް ރަށެވެ. މިގޮތުން ކުރިން 16 ހެކްޓަރުގެ މިވިލުފުށި 61 ހެކްޓަރަށް ބޮޑުކޮށް ރަށުގެ ވަށައިގެން ރިވެޓްމަންޓް ޖަހާފައިވެއެވެ. އަދި ރަށުގެ މެދުގައި މިހާރު ފެންނަން ހުރި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ފަސްގަނޑު އުސްކޮށް މިސަރަހައްދުގައި ފެން ބޮޑު ނުވާނޭގޮތަށް ޕްލޭންތައް ހަދައި އެމަސައްކަތްކުރެއްވިއެވެ.

ވިލުފުށީގެ ބިން ހިއްކުމާއި ގެދޮރުއެޅުމުގެ މަޝްރޫޢުއަށް އެކަނިވެސް 331 މިލިޔަން ދިވެހި ރުފިޔާ ޚަރަދުކުރެއްވިއެވެ. ބަނދަރާ ރަށުގެ ކަރަންޓް ވިއުގައާ ފެނާ ނަރުދަމާ ޤާއިމްކުރުމާއި މަގު ހެދުމާއި އަދި ޞިއްޙީމަރުކަޒާއި ސުކޫލާއި އޮފީސް އިމާރާތްތައް ބިނާކުރުމާއެކު ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. 2009 ވަނަ އަހަރުގެ މޭމަހު ވިލުފުށި އަލުން އާބާދުކޮށް މީހުން ދިރިއުޅެން ފެށުން ފާހަގަކުރިއިރު ސަރުކާރުން ވިލުފުށި ފާހަގަކުރަމުން ގޮސްފައިވަނީ މިޒަމާނުގެ ތަރައްޤީގެ ނަމޫނާ ރަށެއްގެ ގޮތުގައެވެ. މިގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރީގެ ޕްލޭނިންގ މިނިސްޓަރ އަލްފާޟިލް ޙަމްދޫން އަބްދުﷲ ޙަމީދުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވައި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް ޚާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް ފުރިހަމަ ކުރެހުންތަކަކަށް ވަކިތަރުތީބަކުން މިޒަމާނުގެ ފެންވަރަށް ގެދޮރާއި އޮފީސް އިމާރާތްތައް އަޅާފައިވާއިރު، ވިލުފުށީގައި ނަލަހިޔާއިން ބިނާކޮށްފައިވާ މަސްޖިދުލް ޢުމަރުފާރޫޤަކީ އަތޮޅުތެރޭ ރަށެއްގައި އޭރުހުރި އެންމެ ބޮޑު މިސްކިތެވެ. އަދި މިހާރު އިސްލާމިކް ސެންޓަރަކަށް ބަދަލުވުމުގެ މަރުހަލާގައި ހުރި  ނަލަހިޔާ އިސްލާމިކް ސެންޓަރެވެ. އަދި ވިލުފުށީގައި ބްރިޓިސް ރެޑްކްރޮސް އިން 250 ގެ އަދި ސަރުކާރުން 59 ގެ ޢިމާރާތްކޮށްދީފައިވެއެވެ.ސުނާމީފަދަ ބޮޑެތި ކާރިޘާތަކުން އަޅުގަނޑުމެން އެންމެ ސަލާމަތްކުރައްވާ ރައްކާތެރިކަމުގައި އަޅުގަނޑުމެން އެންމެން ލެއްވެވުން އެދި މާތްﷲ ސުބުހާނަހޫވަތަޢާލާއަށް ދުޢާ ދަންނަވަމެވެ. އަދި ވިލުފުށީގެ ލޮބުވެރި ރައްޔިތުންނަކީ ހިތްހެޔޮ އެކުވެރި އެއްބައިވަންތަ ބައެއްކަމުގައި ލައްވާށި. އާމީން

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2024 ކޮޕީރައިޓްސް