ވަނަވަރު

ކޮޅުމަޑުލު ވިލުފުށި
ކޮޅުމަޑުލު ވިލުފުއްޓަކީ، ތ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ. އިދާރީ ގޮތުން ކޮޅުމަޑުލުގެ ރަށްތައް ތަރުތީބުކޮށްފައިވާ ގޮތުން ވިލުފުއްޓަކީ އަތޮޅުގެ ދެވަނަ ރަށެވެ. ވިލުފުއްޓަށް ނިސްބަތް ކުރެވޭ ކޯޑަކީ، N2 އެވެ.
ވިލުފުށި އުފެދިފައި އޮތީ، ތ. އަތޮޅުގެ އިރު އުތުރު ދުނީގައެވެ. މިރަށަކީ، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމަށް ރަށްތައް ޚިޔާރުކުރި މައިގަނޑު ސަބަބުތައް ފެންނަ ހުރި ރަށެކެވެ. މިގޮތުން ވިލުފުއްޓަކީ، އެޒަމާނަށް ބަލާއިރު ލަފާފުރުން ދަތިނަމަވެސް، ތިލަފަޅެއްގައި އެކަހެރިކޮށް އޮތް ފުއްޓަރުމަތީ ރަށެކެވެ.
ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެން ފެށީ ކޮންޒަމާނެއްގައިކަން ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ރާއްޖެ އިސްލާމްވުމުގެ ކުރީންވެސް ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެމުން އައިކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މިގޮތުން މަޝްހޫރު ދަނބިދޫ ލޯމާފާނުގައި ވިލުފުށީގެ ވާހަކަ ހިމެނިފައިވުމަކީ، ރާއްޖެ އިސްލާމްވި އިރުވެސް ވިލުފުށީގައި މީހުން އާބަދުވެ ދިރިއުޅެމުން އަންނަ ކަމުގެ ސާފު ދަލީލެކެވެ. އެހެންކަމުން، ވިލުފުށީގައި މީހުން އާބާދުވެ ދިރިއުޅެމުން އަންނަތާ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ޔަޤީން ކުރެވެއެވެ.
ވިލުފުށީ މީހުން އާމުދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުން އައީ މަސައްކަތަކީ މަސްވެރިކަމާއި ރާވެރިކަމެވެ. އިހުގައި ކޮންމެވެސް ވަރަކަށް އޮޅުކޮނެ އަލަ ހައްދައި އުޅުނު ނަމަވެސް، ގޮވާން ކުރުމުގެ ދަނޑުވެރިކަން ކޮށްއުޅުނު ކަން ތާރީޚުން އެނގޭކަށް ނެތެވެ. 1999 ވަނަ އަހަރުގައި ރަށުގެ ބަނދަރުކޮނެ ފަޅު ފުންކުރުމުގެ ކުރިން، ރަށުގެ އުތުރުކޮޅާއި ދެކުނު ކޮޅުގައި އޮތް ގުދުރަތީ ދެވިލު، އޮޑި ދޯނި ފަހަރު އަޅާ ބަދަރެއްގެ ގޮތުގައި ބޭނުންކުރަމުން އައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ހަމައަށް ރަށުގައި މަހަށް ފުރާ ދުއްވާ 19 (ނަވާރަ) ދޯންޏާއި، މާލެ ދަތުރުކުރާ 3 (ތިނެއް) ބައްތެއްޔާއި، 2 (ދޭއް) ބޯޓު އޮތެވެ. އަދި އައްޑޫ އާއި ފުވައްމުލަކާއި ހުވަދު އަތޮޅުން މާލެ ދަތުރުކުރާ ބޯޓު ފަހަރު ދަތުރުތަކުގައި ވިލުފުއްޓަށް ބަނދަރުކޮށް އުޅުނެވެ.
ވިލުފުށީގެ މިހާރުގެ އާބާދީއަކީ، 2298 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 1550 ފިރިހެނުންނާއި، 1148 އަންހެނުންނެވެ. ސުނާމީ ކާރިސާއަށް ފަހު، މާލެ ސަރަހައްދަށް ރަށްވެހިކަން ބަދަލު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ވިލުފުށީގެ އާބާދީއަށް ވަނީ އެކަމުގެ ނުރަނގަޅު އަސަރުކޮށްފައެވެ.
ވިލުފުށީގެ ޒަމާންވީ އާސާރީތަންތަނުގެ ތެރެއިން މިހާރު ފެންނަން ހުރީ ވަރަށް މަދު ތަނެކެވެ. ސުނާމީ ކާރިސާގައި ގިނަ ތަންތަން ވަނީ ހަލާކުވެ ނެތި ގޮސްފައެވެ. ކުރިން ވިލުފުށީގައި ދެ ޒިޔާރަތެއް ހުއްޓެވެ. އެއީ ރަށުގެ ދެކުނު ކޮޅުގައި ހުރި ޒިޔާރަތަކާއި ބައުމިސްކިތު ގޯތިތެރޭގައި ހުރި ޒިޔާރަކެވެ. ދެޒިޔާރަތަކީވެސް ހިރިގަލާއި އުވައިން އިމާރާތްކޮށް ހައިވަކަރުންނާއި ނިރޮޅުން މަތި ވަޑާންގަނޑު ހަދާފައިވާ ދެ ޒިޔާރަތެވެ. ދެކުނު ކޮޅުގައި ހުރި ޒިޔާރަތް ތަޅާލާފައިވަނީ 1980ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ރަށުގެ ދެކުނު ކޮޅުގައި ހުރި ޒަމާންވީ ބޮޑު ދެ ބެރެބެދިގަސްވެސް ކަނޑައިލީ އޭގެ ފަހުންނެވެ. ރަށުގެ ދެކުނު ކޮޅުގައި ހުރި، ގާތްގަނޑަކަށް 100 ވަރަކަށް އަހަރުވީ ކާނިގަސް އަނދައިގެން ގޮސް ނެތި ދިޔައީ ސުނާމީ ކާރިސާގެވެސް ފަހުންނެވެ.
ވިލުފުށީގައި މިހާރު ފެންނަން ހުރި އާސާރީތަނަކީ، މިހާރު ހިޖުރީގޮތުން 100 އަހަރުވެފައިވާ ވިލުފުށީގެ ބައު މިސްކިތާއި އެމިސްކިތުގެ ޒިޔާރަތެވެ. ބައު މިސްކިތަކީ، ހިރިގަލުން ހަދައި ހައިވަކަރުންނާއި ރުއް ނިރޮޅުން މަތިވަޑާންގަނޑު ހަދާފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ތަނބުތަކާއި މިސްކިތުގެ މަތިވަޑާންގަނޑުގެ ބެރިތައް ހުރީ ލާފެންކޮށްފައެވެ. މަތިވަޑާން ގަނޑުގައި، ފަތަޙަ ސޫރަތުގެ ފުރަތަމަ އާޔަތްތައް ލިޔެފައިވެއެވެ.
މިމިސްކިތުގެ ކުރިމަތީގައި ހިރިގަލުގެ ވެވަކާއި، ހިރިގަލުގެ ބޮޑު ވަޅެއް ހުއްޓެވެ. އަދި އޭގެ ކައިރީގައި ވަގުތު ބަލައި އުޅުމަށް ވަގުތުގަލެއް ބެހެއްޓިފައި ހުއްޓެވެ. އަދި މިސްކިތުގެ އިރުމަތީ ފަރާތާއި އުތުރު ފަރާތުގައިވެސް ހިރިގަލުގެ ހަތަރެސްކަން ދެވަޅު ހުއްޓެވެ. މިހާރުވެސް މިދެވަޅު ފެންނާން އެބަހުއްޓެވެ. 1900ގެ އަހަރުތަކުގެ މެދުތެރޭގައި އެ މިސްކިތުގެ އުތުރު އިރު ދެކުނު ފަރާތުން ހަރިންމަ ނަގައި ގޯތި ދިނުމުން މިސްކިތު ވެވާއި، ބޮޑު ވަޅު ނެތި ދިޔައީއެވެ.
ވިލުފުށީގައި ވަރަށް ކުރިން ރަސްމީ ތައުލީމުދޭން ފެށިއެވެ. މިގޮތުން 1945 ވަނަ އަހަރު މަދަރުސަތުލްތަހުޒީބުގެ ނަމުގައި އުފެދުނު ވިލުފުށީ ތަޢުލީމުގެ ހަގީގީ ބާނީއަކީ، ވިލުފުށީ މުދިންޙަސަން ކަލޭފާނެވެ. މަދަރުސަތުލްތަހުޒީބުގެ ނަން ވިލުފުށީމަކުތަބުގެ ނަމަށް ބަދަލުކުރެވުނެވެ. އަދި އޭގެފަހުން މަކުތަބުލްޖިހާދުގެ ނަމަށް ބަދަލުކޮށް، ހިންގަމުންދިޔަ މަދަރުސާގެ ނަން މަދަރުސަތުލްޖިހާދުގެ ނަމަށްވެސް ބަދަލުކުރެވުނެވެ. އަދި މިހާރު ކިޔަމުންދާ ވިލުފުށީ ސްކޫލުގެ ނަމަށް، މަދަރުސާގެ ނަން ބަދަލުކުރެވުނީ 2009 ވަނަ އަހަރުގައެވެ.
ފަޚުރުވެރި ދިގު ތާރީޚެއް އޮތް ވިލުފުށީ ތައުލީމުގެ ޚިދުމަތްތެރިންގެ ތެރޭގައި މުދިންޙަސަން ކަލޭފާނާއި އިބްރާހިމް އަޙްމަދު (ބުރުނީކުޑަހޮއްކޮ) އަކީ ފާހަގަކޮށްލަންޖެހޭ ދެ ޝަޚްސިއްޔަތެވެ. އިންތިހާއަށް ދަތި އެޒަމާނުގައިވެސް ތަޢުލީމީ ޖީލެއް ބިނާކުރުމުގެ ތަސައްވަރަކާއެކު ފެއްޓެވި މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިއްބެވިއެވެ. 1959 ން 2002 ށް ވިލުފުށީ ތަޢުލީމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް މިސަރަޙައްދުގެ އެއްވެސް ރަށެއްގައި ތަޢުލީމު ކުރިއަރައިފައި ނެތް މިންވަރަށް، ވިލުފުށީގައި ތަޢުލީމު ކުރިއަރުވައިދެއްވި ހަގީގީ މޭސްތިރިއަކީ ފެބްރިކްވިލާ އިސްމާޢީލް ޝަމީމެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ ތ އަތޮޅުގެ އެކި ރަށްރަށުންނާއި ލ އަތޮޅާއި، ދ އަތޮޅަށް ނިސްބަތްވާ ރަށްތަކުން އެތައް ދަރިވަރުންތަކެއް ވިލުފުށީ މަދަރުސާގައި އޭރު ތަޢުލީމު ހާސިލުކުރަމުން ދިއުމެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ޞިއްޙީމަރުކަޒުތައް ޤާއިމު ކުރެވުނު ރަށްތަކުގެ ތެރޭގައި ވިލުފުށި ހިމެނެއެވެ. ވިލުފުށީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ދެފަންގިފިލާއަށް ޞިއްޙީމަރުކަޒެއް އިމާރާތްކޮށް، މިއަތޮޅުގައި އެންމެ ފުރަތަމަ ޚިދުމަތްދޭންފެށި ޞިއްޙީމަރުކަޒުތަކުގެ ތެރޭގައި ވިލުފުށީ ޞިއްޙިމަރުކަޒު ހިމެނިގެން ދިޔައީ ރައްޔިތުންކުރި ބުރަ މަސައްކަތުންނެވެ. ހަމައެގޮތުން ސުނާމީގެ ކުރިން، ވިލުފުށީގައި ޤާއިމުކުރި އިންޖީނުގެއަކީވެސް ވިލުފުށީ ރައްޔިތުންކުރި ނަމޫނާ މަސައްކަތެކެވެ. ރައްޔިތުންގެ އަމިއްލަ ޚަރަދުގައި އިންޖީނުގެއެއް ޢިމާރާތްކޮށް ޖަނެރޭޓަރުގަނެ، ސިންކުރޮނައިޒް ޕެނަލްބޯޑެއް ބަހައްޓައި ޒަމާނީ ފެނަވަރުގެ ކަރަންޓް ވިއުގައެއް ރަށުގައި ޤާއިމުކޮށް، ރާއްޖެތެރޭ ރަށެއްގައި 24 (ސައުވިސް) ގަޑީއިރަށް ކަރަންޓުގެ ޚިދުމަތް ދޭންފެށި މަދުރަށްތަކުގެ ތެރޭގައި ވިލުފުށި ހިމެނެއެވެ. އަދި އޭގެކުރިންވެސް އަތޮޅުގައި އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ފޯރުކޯށްދޭންފެށި ރަށަކީވެސް މިވިލުފުއްޓެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވި ބަލިމަޑުކަމާއި ޤުދުރަތީ ކާރިސާތަކުގައި ވިލުފުއްޓަކީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވި ރަށެވެ. ރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑު ކަމުގައި ވިލުފުށީން ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. އަދި ސިގެއްލާ ރޯގާގައިވެސް ވިލުފުށިން މީހުން މަރުވިއެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަކީ، މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުން އައިތާ 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ވިލުފުއްޓަށް ހުރިހާ ރޮނގަކުންވެސް ބޮޑެތި ގެއްލުންތައް ލިބުނު ކާރިސާއެކެވެ. ސުނާމީ ކާރިސާގައި ވިލުފުށިން މަރުވި މީހުންނާއި ގެއްލުނު މީހުންގެ ޖުމުލަ އަދަދަކީ 17 އެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި އެއް ރަށަކުން އެންމެ ގިނަ މީހުން މަރުވި ރަށަކީ ވިލުފުއްޓެވެ. އެކާރިސާ އާއި ގުޅުންހުރި ބަލިތަކުގައި މަރުވި މީހުންގެ އަދަދާއި އެކު މަރުވި މީހުންގެ ޖުމުލަ އަދަދު އެއަށްވުރެވެސް ގިނަވާނެކަމަށް ބެލެވެއެވެ.
ވިލުފުށީގައި މީހުން ދިރިއުޅެންފެށިފަހުން ރަށް ފަޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ އާއި ގުޅިގެންނެވެ. ވިލުފުށި އަލުން އާބާދުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ވިލުފުށީ މީހުން އަލުން އެނބުރިއައިސް ވިލުފުށީގައި ދިރިއުޅެން ފެށީ 2009 ވަނަ އަހަރުގެ މެއި 15 ވަނަ ދުވަހުން ފެށިގެންނެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު، އޭރުގެ ސަރުކާރުން ވިލުފުށި ތަރައްޤީ ކުރީ، ސޭފް އައިލެންޑް ކޮންސެޕްޓްގެ ދަށުން، 5000 މީހުންގެ އާބާދީއަކަށް އަމާޒުކޮށަގެން މިސަރަޙައްދުގެ އާބަންސެންޓަރަކަށް ވިލުފުށި ހެދުމުގެ ތަސައްވަރަކާއެކުއެވެ. އެހެންނަމަވެސް ވިލުފުށި އާބަންސެންޓަރަކަށް ހެދުމުގެ ވާހަކައިގެ އަޑު މިއަދު މިވަނީ މަޑުވެފައެވެ. ސުނާމީގެ ކުރިން ވިލުފުއްޓަކީ 14 ހެކްޓަރުގެ ރަށެކެވެ. ސުނާމީ ކާރިސާއަށް ފަހު، 61 ހެކްޓަރަށް ބިން ހިއްކައި ބިން ބޮޑު ކުރުމަށާއި، ރިވެޓްމެންޓް ޖެހުމަށާއި ގެދޮރު އެޅުމަށް 331 މިލިޔަން ރުފިޔާ ޚަރަދު ކުރެވުނެވެ. އަދި ބްރިޓިޝް ރެޑްކުރޮސްއިން ވިލުފުށީގައި 250 ގެ އަދި ސަރުކާރުން 59 ގެ އިމާރަތްކޮށްދިނެވެ.
ސުނާމީ ކާރިސާއަށްފަހު ޢުމްރާނީ ގޮތުން ވިލުފުށި ވަނީ ވަރަށް ބޮޑަށް ތަރައްޤީކުރެވިފައެވެ. ހަމައެއާއެކު ރަށުގެ ޤަދީމީ ތާރީޚާއި އާސާރުތަކާއި އާދަކާދަތައް ވަނީ ގެއްލިގެން ގޮސްފައިވެއެވެ.