ރައްކާތެރިގޮތުގައި ކުނި ނައްތާލުމާގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގައިފި

ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މުހިންމުކަމާއި، ކައުންސިލުން ކުރިއަށް ގެންދަން ނިންމައިފައިވާ ކުނި ނެގުމުގެ ޚިދުމަތާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް، ވިލުފުށީ ކައުންސިލަކުން ކުރިއަށް ގެނގޮސްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، 2025 މާރިޗު 15 ވަނަ ދުވަހު ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ފެށުމަށް ތައްޔާރުވަމުންދާތީ، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްޔިތުން އަމަލުކުރަންޖެހޭ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

ކުނިނެގުމުގެ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުމަށްޓަކައި، މި ޕްރޮގްރާމްގެ ދަށުން، ކުނި ނެގުމާ ގުޅުންހުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓްތައް ރައްޔިތުންނަށް ވަނީ ބަހާފައެވެ. މީގެ އިތުރުން، ރައްކާތެރިގޮތުގައި ކުނި ނައްތާލާނެ ގޮތްތަކުގެ މުހިންމު މަޢުލޫމާތުތައްވެސް ވަނީ ރައްޔިތުންނާއި ހިއްސާކޮށްފައެވެ. މިގޮތުން ކުނި ވަކިކުރުމާއި، ކުނި ބަންދުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.

މި ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވި ރައްޔިތުންގެ ސުވާލުތަކަށް ކަމާގުޅޭ ސެކްޝަނުން ވަނީ ޖަވާބު ދީފައެވެ. އެގޮތުން ކުނި ނެގުމުގެ ޚިދުމަތް ދެވޭނެ ގޮތްތަކާއި، ފީ ނެގޭނެ ގޮތްތަކުގެ މައުލޫމާތު ވަނީ ރައްޔިތުންނަށް ވަރަށް ފުރިހަމައަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ކުނި ނެގުމުގެ ޚިދުމަތަށް އެދި، ކައުންސިލް އިދާރާގައި ރަޖިސްޓްރީވާން ބޭނުންވި ފަރާތްތަކުގެ ފޯމު ފުރައިދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް