ކައުންސިލާއި އެމް.އެން.ޑީ.އެފް ގުޅިގެން ކުރިއަށް ގެންދިޔަ "ކޮމިއުނިޓީ ވޮލެންޓިއަރ ފަޔަރ ފައިޓަރ" ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ވިލުފުށީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ވިލުފުށީގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ހިންގައިފިއެވެ.

ޖޫން 6އިން 13އަށް މިރަށުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގައި ވިލުފުށީގެ އެކި މުވައްސަސާތަކާއި ޖަމުޢިއްޔާ ޖަމާތްތަކަށް ނިސްބަތްވާ 16 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. 

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޖޫން 13 ވަނަ ދުވަހު ވިލުފުށީ ސްކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އަޙްމަދު ޝާމިނެވެ.

މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި ޢަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގއާއި، ވިކްޓިމް ކެރީއިންގ މެތަޑްސްއާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި، ފަސްޓް އެއިޑާއި، އަޚުލާޤާއި ސުލޫކްގެ ބައިތައް ކިޔަވައިދީ ފަރިތަކުރުންތައް ބާއްވާފައިވެއެވެ. 

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ފަޔަރ އެންޑް ރެސްކިޔު ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ފަޔަރ ކޮމްޕޯނަންޓުގެ ފަޔަރފައިޓަރުންނެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް