ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިލުފުށީ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކޮށްދެއްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި، ވިލުފުށީ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި ވެބްސައިޓަކީ ވިލުފުށީ ކައުންސިލުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ޒަމާނީ އެންމެ ލުއިފަސޭހަ ނިޒާމުތަކުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރި ޕްލެޓްފޯމެކެވެ. އަދި ކައުންސިލުން ފޯރުކޮށްދެމުންދާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، މި ވެބްސައިޓްގެ ޒަރީޢާއިން ވިލުފުށީ ކައުންސިލްގެ އެންމެ ފަހުގެ ނިންމުންތަކާއި، ކައުންސިލުން ހިންގާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ފަސޭހަކަމާއެކު އޮންލައިންކޮށް ލިބިގަތުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކުގާއި ގުޅޭ ފޯމުސެޓްތަކާއި އެކިއެކި ކަންކަމާއި ގުޅޭ ޤަވާއިދުތަކާއި އުސޫލުތައްވެސް ފަސޭހަކަމާއެކު މިވެބްސައިޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި ރަށުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކުގެ ހާމަކަން އިތުރަށް ބޮޑުވެ، ރައްޔިތުންނާއި ކައުންސިލްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި މިޖަލްސާގައި ކައުންސިލްގެ ވެބްސައިޓް ލޯންޗް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ އެނިމޭޝަންއަކީ، ސުނާމީ ކާރިސާއާއި އެކާރިސާއަށްފަހު ވިލުފުށި އާރާސްތުކުރުމާއި ރަށް ތަރައްޤީކުރުމުގައި ރައްޔިތުން ހޯދައިފައިވާ ކުރިއެރުމާއި މިހާރު ވިލުފުށީ ރައްޔިތުން އެންމެ އެދޭ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުވައިގެން ތައްޔާރުކޮށްފައިވާ ވެބްސައިޓް ލޯންޗިންގ އެނިމޭޝަނެކެވެ. މިއެނިމޭޝަންގެ މޯޝަން ޑިޒައިނަރަކީ ތ.ވިލުފުށީ، ދޫރެސް އަލްފާޟިލް މޫސާ ޝިފާޒެވެ. ޝިފާޒަކީ މިދާއިރާގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްފައިވާ ވިލުފުއްޓަށް އުފަން ވިލުފުށީ ދަރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޒަމާނީ ޓެކްނޮލޮޖީއާއި ގުޅުންހުރި މިފަދަ ޚިދުމަތެއް އިފްތިތާޙުކޮށްދެއްވުމަކީ، ސަރުކާރުން ރަށު ކައުންސިލްތަކުގެ ކުރިއެރުމަށް އިސްކަންދެއްވައި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ދެއްވާ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް