ކައުންސިލުން ކުރިއަށް ގެންދިޔަ މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ވިލުފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އޭޕްރީލް 16 އިން 18 އަށް ވިލުފުށީ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހިންގުންތެރިކަމުގެ ދާއިރާ އާއި އަމިއްލަ ނަފުސު ތަރައްޤީކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގެ ތަޖުރިބާހުރި 3 ފެސިލިޓޭޓަރުންނާއިއެކު 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ވިލުފުށީގެ އެކިއެކި މުއައްސަސާތަކުންނާއި އިންތިޚާބީ ކައުންސިލާއި އ.ތ.މ ކޮމެޓީ ހިމެނޭހެން، 54 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ.

ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ޑރ. ޢަލީ ޝަމީމާއި އަލްފާޟިލް ޙަސަން ޝިޔާމް އަދި އަލްފާޟިލް މުޙައްމަދު އިސްމާޢީލް ފުޅު ވަނީ ޕަބްލިކް ރިލޭޝަންސް އާއި ކަސްޓަމަރ ސަރވިސް ދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ސްޓްރެސް މެނޭޖްކޮށް ހިނިތުންވުމުގެ އަޖައިބުތަކުގެ މައްޗަށް އަލިއަޅުވާލައި ބައިވެރިންނަށް މުޙިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފައެވެ. އަދި ޒަމާނީ ހިންގުމުގެ ހުނަރުތަކާއި ކަންކަމުގައި ރަނގަޅު ނިންމުންތަކަށް މަގުފަހިކުރާނެ ވިސްނުން ގެންގުޅޭނެ ގޮތްތަކާމެދުވެސް ފުޅާދާއިރާއެއްގައި ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. ހަމައެއާއިއެކު ސްމާރޓް ޓީޗިންގ ސްކިލްސް ޑިވެލޮޕްމެންޓާއި ގުޅޭގޮތުން ވިލުފުށީ ސްކޫލްގެ މުދައްރިސުންނަށް ޚާއްސަ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސަފައެވެ.

މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ސްމާރޓް ސްޓަޑީ ސްކިލްސް އާއި ގުޅޭގޮތުން ވިލުފުށީ ސްކޫލްގެ ދަރިވަރުންނަށް ޚާއްސަ ސެޝަންއަކާއި ދަރިން ތަރުބިއްޔަތު ކުރާނެ ޒަމާނީ ގޮތްތަކާއި ގުޅޭގޮތުން ބެލެނިވެރިންނަށްވެސް ޚާއްސަ ސެޝަނެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޞިއްޙީ ދުޅަހެޔޮކަމުގެ މުޙިންމުކަމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމުގެ މުޙިންމުކަމާއި ގުޅޭގޮތުން ރަށުގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޚާއްސަ ސެޝަނެއްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ވިލުފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކޮށް ފެސިލިޓޭޓަރުންނަށް ހަނދާނީ ފިލާ ދެއްވައި ކައުންސިލްގެ ރައީސް ޙުސައިން ޖަބީން ވިދާޅުވެފައިވަނީ "މިއީ ވިލުފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ލިބިގެން ދިޔަ ވަރަށް ބޭނުންތެރި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މިފަދަ އިލްމީ ބޭފުޅުންތަކަކާއެކު ހޭދަކުރެވިގެން ދިޔަ މިވަގުތުތަކަކީ އިލްމުން ފުރިގެންވާ ކަނޑެއްގައި ހޭދަކުރެވުނު ވަގުތުތަކެއް ކަމުގައި ދެކޭކަމަށެވެ. އަދި އެއްވެސް އުޖޫރައަކާއި ނުލައި ހިލޭ ސާބަހަށް ވަޑައިގެން ފޯރުކޮށްދެއްވި މަޢުލޫމާތައްޓަކައި ވިލުފުށީ ލޮބުވެތި ރައްޔިތުންނާއި ހުރިހާ މުވައްޒަފުންނެ ނަމުގައި 3 ބޭފުޅުންނަށްވެސް ޝުކުރު އަދާކުރާކަމަށް" ރައީސް ވިދާޅުވިއެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްރޮގުރާމްގެ ލީޑް ފެސިލިޓޭޓަރ ޑރ. ޢަލީ ޝަމީމް ވަނީ ވިލުފުށީ ސްކޫލް ލައިބުރަރިއަށް ފޮތް ހަދިޔާ ކުރައްވާފައެވެ. އަދި މިޕްރޮގްރާމްގެ ފެސިލިޓޭޓަރ އަލްފާޟިލް މުޙައްމަދު އިސްމާޢީލް ފުޅު އެކިއެކި މަޢުލޫތަކަށް އަމިއްލަފުޅަށް ލިޔުއްވާފައިވާ ފޮތްތަކެއް ވިލުފުށީ ކައުންސިލާއި ވިލުފުށީ ޞިއްޙީ މަރުކަޒު އަދި ވިލުފުށީ ސްކޫލްގެ ލައިބުރަރީއަށްވެސް ވަނީ ހަދިޔާ ކުރައްވާފައެވެ. މިޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ތިން ބޭފުޅުންނަކީވެސް އެކި ދާއިރާތަކުން، ޚާއްސަކޮށް މީހުން ބިނާކުރުމުގެ ދާއިރާއިން ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ޚިދުމަތްތެރިންނެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް