ޢީދު ހުޅު ރޯކޮށް، އުފާވެރި އާއިލީ ހަވީރަކާއެކު ކުޑަ ޢީދު ނިންމާލައިފި
ޝައްވާލް މަހުގެ ހަނދު ފެނުމާއި ގުޅިގެން ރަމަޞާން މަސް ނިމި ޢީދު ވެއްޖެކަން ކައިރީގައި އޮތް އެހެން ރަށްރަށުގެ ރައްޔިތުންނަށް އެންގުމަށްޓަކައި ޢީދު ވިލޭރޭ ހުޅު ރޯކުރުމަކީ ދިވެހިން ކޮންއުޅުނު ސަޤާފީކަމެކެވެ. ކަންކުރުމުގެ އަސްލު މަޤުސަދު މިއަދު ބަދަލުވެފައިވީނަމަވެސް ދިވެހިން ކޮންއުޅުނު މިފަދަ ސަޤާފީކަންކަން ދިރުވައި އާލާކުރުމުގެ ގޮތުން އީދު ހުޅު ރޯކުރުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ކުރަމުން އަންނަ ޒަމާނީ ކަމެކެވެ.
1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން، ކައުންސިލުން ކަންކުރަމުން އަންނަ އާންމު އުސޫލުން މިއަހަރުގެ ޢީދުވިލޭރޭގައިވެސް ކައުންސިލުން ވަނީ ޢީދު ހުޅު ރޯކޮށްފައެވެ. ސަޤާފީ އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ ޢީދު ހުޅު ރޯކުރުމުގެ މިހަރަކާތުގައި ރަށުގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް ވަނީ މިމަންޒަރުތައް ބަލާލުމަށްޓަކައި އާޓިފިޝަލް ބީޗަށް ޖަމާވެ މިހަރަކާތުގައި ބައިވެރިވެފައެވެ.

ޖާގަތަނަވަސް ބޮޑު މިސްކިތެއް ރަށުގައި ބިނާކޮށްފައި ހުރުމުން، އަބަދުވެސް ޢީދު ނަމާދުތައް ބޮޑު ޖަމާޢަތުގައި ކޮށްއުޅެނީ މަސްޖިދުލް ޢުމަރު ފާރޫޤުގައެވެ. ޢީދު ނަމާދަށްފަހު ޢީދުގެ ސައި ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔައިރު ޢީދު ސައިގެ މިހަރަކާތަކީ ރަށު ރައްޔިތުންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ. މީހުން ދިރިއުޅޭ ކޮންމެ ގެއަކުންވެސް ހެދިކާގެ ކޮންމެވެސް ބާވަތެއް ގެނެސްގެން ބޮޑު ޖަމާޢަތުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެ ޢީދު ސައި ބުއިމަކީ ޢީދު ހަރަކާތްތަކުގެ ތެރެއިން ވިލުފުށީގައި ދެގޮތެއް ނުވެ ހިނގަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.
ކައުންސިލުން އިސްނަގައިގެން ރަށުގެ ބައެއް މުވައްސަސާތަކުގެ ބައިވެރިވުމާއެކު ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ އާއިލީ ހަވީރެއް، ރަށުގެ ފުޓުބޯޅަ ދަނޑުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންނާއި ގުޅޭ މަޖާ ކުޅިވަރުތައް ހިމެނޭ ގިނަ ސްޓޯލްތަކަކާއިއެކު ކައުންސިލުން ކުރިއަށް ގެންދިޔަ މިއާއިލީ ހަވީރުގައި ކުދިންނާއެކު ގިނަ އާއިލާތަކަކުން ވަނީ މިހަވީރުގައި ބައިވެރިވެ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ.
