ވިލުފުށީ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ވިލުފުށީ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީން އާއި ކައުންސިލްގެ ނައިބު ރައީސް ޙުސައިން ޢަބްދުއްސަލާމް އާދަމް އަދި މަޝްރޫޢު ކުރިއަށް ގެންދާ ކޮންޓްރެކްޓަރ "ތާޖް ބިލްޑަރސް މޯލްޑިވްސް ޕވޓ ލމޓ" ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޒަހީރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، 30 އެނދުގެ ހޮސްޕިޓަލެއް ވިލުފުށީގައި އިމާރާތްކުރުމަށް "މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ - އެމް.ޓީ.ސީ.ސީ" އާއި ހަވާލުކޮށް ބިންގާ އެޅުއްވިއެވެ. ނަމަވެސް އޭގެފަހުން "އެމް.ޓީ.ސީ.ސީ" އިން މިހާރު ވަނީ ސަބް-ކޮންޓްރެކްޓަށް މިމަޝްރޫޢު "ތާޖް ބިލްޑަރސް މޯލްޑިވްސް ޕވޓ ލމޓ" އާއި ހަވާލުކޮށްފައެވެ.

ވިލުފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ މިހޮސްޕިޓަލަކީ 67990 އަކަފޫޓުގެ ބޮޑު ބިމެއްގެ ތެރޭގައި، 23680 އަކަފޫޓަށް އިމާރަތްކުރުމަށް ހަމަޖެހިފައިވާ 2 ފަންގިފިލާގެ އިމާރާތެކެވެ. ހޮސްޕިޓަލް އިމާރާތާއިއެކު 4305 އަކަފޫޓުގެ އެކަމަޑޭޝަން ބުލޮކެއްވެސް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު، 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިމަސައްކަތް މިހާރު ކުރަމުން އަންނަ "ތާޖް ބިލްޑަރސް މޯލްޑިވްސް ޕވޓ ލމޓ" އިން މަޢުލޫމާތު ދެއެވެ.

1200 އެއްހާ މީހުން ދިރިއުޅެމުން އަންނަ ވިލުފުށީގެ ޞިއްޙީ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ޞިއްޙީ މަރުކަޒަކުންނެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު ވިލުފުށިން ލިބޭ ޞިއްޙީ ފަރުވާ ފުޅާވެ، ވިލުފުއްޓާއި މުޅި ވިލުފުށީ ދާއިރާގެ ރައްޔިތުންނަށް، އަމިއްލަ ދާއިރާގައި ތިބެގެން ގިނަ ބަލިތަކަކަށް ބޭސްފަރުވާ ކުރުމުގެ މަގު ފަހިވެގެންދާ ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް