އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ވިލުފުށީގައި ހަވީރެއް ބާއްވައިފި

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުވައްސަސާތައް ގުޅިގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 08 ވަނަ ދުވަހު އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރުގެ މަޤްޞަދަކީ ރަށުގެ ތަރައްޤީގައި އިސްރަށްވެހިންގެ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކޮށް، އެޚިދުމަތްތަކުގެ ހަނދާން އައުކުރުމެވެ.

ވިލުފުށީގެ 60 އަހަރުން މަތީގެ ދެ ޖިންސުގެ ހުރިހާ ރައްޔިތުންނަށްވެސް ކައުންސިލުން ވަނީ މިހަވީރަށް ދަޢުވަތު ދެއްވާފައެވެ. ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި މި ހަވީރުގައި އެފަރާތްތަކަށް ފައިދާކުރުވަނިވި ގިނަ މަޢުލޫމާތުތަކަކާއި ޚިދުމަތްތަކެއްވެސް ވަނީ މިހަވީރުގެ ތެރެއިން ފޯރުކޮށްދީފައެވެ.

މިހަވީރުގައި ވިލުފުށީ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އުމުރުން ދުވަސްވީ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ޞިއްޙީ ކަންކަމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ސްޓޯލެއް ޤާއިމުކޮށް، އިސްރަށްވެހިންގެ ބަރުދަން ބެލުމާއި ބްލަޑް ޕްރެޝަރ ބެލުން ފަދަ މުޙިންމު ޚިދުމަތްތަކެއްވެސް ވަނީ ފޯރުކޮށްދީފައިވެއެވެ.

އަދި ވިލުފުށީ ޕޮލިހުންވެސް ވަނީ މި ހަވީރުގައި ބައިވެރިވެ، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސްކޭމަރުން ކުރިއަށް ގެންދާ ސްކޭމްތަކާއި އޮޅުވާލުންތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންޖެހޭ ކަންކަމާ ގުޅޭގޮތުން މުޙިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

މި ހަވީރުގައި، ރަށާއި ޤައުމުގެ ތަރައްޤީއަށް ރަށުގެ އިސްރަށްވެހިން ކޮށްފައިހުރި ނަމޫނާ ބުރަ މަސައްކަތްތަކުގެ ވާހަކަތަކާއި، އެކި ޒަމާނުގެ އެކި ހަނދާންތައް ވަނީ އެކި ސިފަސިފައިގައި އައުކޮށްފައެވެ. އަދި މިހަވީރުގައި އިސްރަށްވެހިންގެ ރައިވަރު ވާދައައީ ޅެންބަހުން ބަހުސްކުރުންފަދަ ފޯރިގަދަ ހަރަކާތްތަކުގެ އިތުރުން، ތަފާތު ކުޅިވަރުތަކެއްވެސް ވަނީ ކުރިއަށް ގެންގޮސަފައެވެ.

ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ހަވީރުގައި ބައިވެރިވި ހުރިހާ އިސްރަށްވެހިންނަށް ހަވީރުގެ ސަޔައާއި ޚާއްސަ ހަދިޔާއެއްވެސް ވަނީ ދެއްވާފައެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް