ރައީސުލްޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒު، ވިލުފުށީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒު، ވިލުފުއްޓަށް ވަޑައިގަންނަވައި ވިލުފުށީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. އަދި މިބައްދަލުވުމުގައި ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވާ ކަންކަމާއި އަދި ރައްޔިތުންނަށް އެދޭ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިވަގުތު ރަށަށް އެންމެ ބޭނުންވާ ކަންކަމާއި ހުރި ދަތިތަކާއި އަދި ރައްޔިތުން އެންމެ އެދޭ ކަންކަން ވަނީ ރައީސުލް ޖުމްހުރިއްޔާއަށް ދަންނަވާފައެވެ. ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އަލަށް އިމާރަތްކޮށްފައިވާ 100 ހައުސިން ޔުނިޓުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރެއްވުމަށްފަހު، ޙައްޤުވެރީންނަށް އެ ޔުނިޓުތައް އަވަހަށް ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ބަނދަރު އިތުރަށް ފުންކޮށް، ފުޅާކޮށްދެއްވުމަށާއި، ކުދި ޑިންގީއަށް ޖެޓީއެއް ހައްދަވައިދެއްވުމަށާއި، ރަށުގެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ރަށުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކޮށްދެއްވުމަށާއި، އާޓިފިޝަލް ބީޗެއް ނުވަތަ ޕިކްނިކް އައިލެންޑެއް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ރަށުގައި އެކަށީގެންވާ މިންވަރަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރެވިފައި ނެތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށާއި، ބަނދަރުގެ ދުވާރުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި ޙިއްޞާކުރައްވާފައެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް