ވިލުފުއްޓަށް ނިސްބަތްވާ ތިން ބޭފުޅަކަށް ޤައުމީ އިނާމު ލިބިއްޖެ

އަލްފާޟިލް މުޙައްމަދު ޝައުޤީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 8 ޖަނަވަރީ 1969 ގައި އެގްޒަމިނޭޝަން ޑިވިޜަންގެ ޕިއޯނެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން، އެގްޒަމިނޭޝަން ޑިވިޜަންގެ 1 ނަންބަރު ކާތިބުކަމާއި، މެރިން ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، އިންޖިނިއަރިންގ ސަރވިސަސްގެ ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސޓީގެ ފައިސާ ބަލަހައްޓާ ކާތިބު ކަމާއި، 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ރެންޓަލްސް ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ގަވަރންމަންޓް ހޮސްޕިޓަލުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް މެނޭޖަރުކަން ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރެންޓަލްސް ޑިވިޜަންގެ މެނޭޖަރު ކަމުގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ވަކީލު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. 23 މާރިޗު 2009 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

އަލްފާޟިލް މުޙައްމަދު ޝައުޤީ، ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާއިރު، ދައުލަތުގެ ތަފާތު 7 މުއައްސަސާއެއްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައި ވަނީ، މާލޭ މުނިސިޕަލްޓީ ގައްޔާއި، ސަރުކާރުގެ ކުރީގެ މައި ހޮސްޕިޓަލުގައެވެ. މާލޭ މުނިސިޕަލްޓީގައި މެދުނުކެނޑި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 10 ސެޕްޓެންބަރު 1989 ގައެވެ. ފުރަތަމަ ޚިދުމަތްކުރެއްވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކްގައެވެ. ޚިދުމަތުގައި 35 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވައިފައި ވާއިރު، ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. އަދި، މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އަދި ބައެއް އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، 1997ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު 9ވަނަ ސާރކް ސަމިޓްގެ ސެކިއުރިޓީ އޮޕަރޭޝަނުގައްޔާއި، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހަތިޔާރާއި، ގޮވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރުމަށް، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އީ.އޯ.ޑީ. ޓީމު ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ނަމޫނާ ދައްކަވައިފައެވެ. ޚާއްޞަކޮށް ޤައުމަށް ދިމާވި އެންމެ ބޮޑު އެއް ކާރިސާ ކަމުގައިވާ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިޔަށް ގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަންގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލް ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް – ކޮވިޑް-19 ހިމެނެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގައި ޕްރައިވެޓެއްގެ ރޭންކްގައި 31 ޖަނަވަރީ 1989 ގައެވެ. ފުލުހުންގެ ޚިދުމަތުގައި 36 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަލީ ޒަޢީމް މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކްގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1 ގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ދިވެހި ޢަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ، އެން.އެސް.އެސް.ގެ ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓް ޕޮލިސްގައްޔާއި، ޓުއަރިސްޓް ޕޮލިސްގައްޔާއި، ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގައްޔާއި، ޕޮލިސް ކްލަބުގައި މަސައްކަތްކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.

ދިވެހި ދަޢުލަތައް ޚިދުމަތް ކުރައްވައިގެން ޤައުމީ އިނާމު ހާސިލުކުރެއްވި، ވިލުފުއްޓަށް ނިސްބަތްވާ ތިން ބޭފުޅުންނަށްވެސް ވިލުފުށީ ކައުންސިލްގެ ނަމުގައި އަދި ވިލުފުށީ ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކާމާއެކު މަރުޙަބާ ދަންނަވަމެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް