ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިލުފުއްޓަށް ވަޑައިގެން، 2025 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ ރޭ ވިލުފުށީ ސްކޫލް ހޯލުގައި ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ޖަލްސާގައި ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫއުތަކެއް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ގިނަ މަޝްރޫއުތަކެއް ވަނީ އިޢުލާނުވެސް ކުރައްވާފައެވެ.
މިހާރު އަމަލީ މަސައްކަތް ފައްޓަވައިވާ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަސްތެރޭ ނިންމާނެ ކަމަށާއި، 1800 މީޓަރުގެ ދިގު ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މާދަމާ ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން 18 މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ނިންމައި ރަށާ ހަވާލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމުގެ ގޮތުން، ރަށުގައި އިމާރާތްކޮށް ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ވިލުފުށީގައިވެސް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.
ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލުފުށީގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ޚިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ވިލުފުށީގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވިލުފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ކުރިއަށްގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، ވިލުފުށީ ފުޓުބޯޅަ ދަނޑު ތަރައްޤިކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިޖަލްސާގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.
މިޖަލްސާގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް ޙަސަން ވަހީދާއި ވިލުފުށީ ކައުންސިލްގެ ރައީސްވެސް ވަނި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. ދެބޭފުޅުންގެ ވާހަކައިގައިވެސް ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ވިލުފުށީގެ ތަރައްޤީއަށް ހިންގޭ އެންމެ ބޮޑު ދެ މަޝްރުޢު ކަމުގައިވާ ވިލުފުށި އެއަރޕޯޓާއި ވިލުފުށީ ހޮސްޕިާޓަލްގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންގޮސް ދެއްވުމަށްވެސް ކައުންސިލްގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ސުނާމީއަށްފަހު ވިލުފުށި އާރާސްތު ކުރެވިފައިވަނި 5000 މީހުންގެ އާބާދީއަކަށް ޕްލޭންކޮށްގެންކަމާއި އާބަންސެންޓަރަކަށް ވިލުފުށި ހެދުމުގެ ވާހަކަތަކުގެ އަޑުތައް މިއަދު މަޑުވެފައި ވީނަމަވެސް އެއީ ވިލުފުށީ ރައްޔިތުން އަދިވެސް ދެކެމުން އަންނަ ހުވަފެނެއްކަށް ކައުންސިލްގެ ރައީސް ހާމަކުރެއްވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިލުފުށީ ކައުންސިލްގެ ރަސްމީ ވެބްސައިޓް ލޯންޗްކޮށްދެއްވާފައެވެ. އަދި މިޖަލްސާގައި ވިލުފުށީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، ހަނދާނީ ރަމްޒެއްގެ ގޮތުގައި ވިލުފުށީ ސުނާމީ ބިނާގެ ނަކަލެއް ވަނީ ވެދުމަށްއަރުވާފައެވެ.