ވިލުފުށީ ދެ ކަނބަލަކަށް ރެހެންދި އެވޯޑް ލިބިއްޖެ
އަލްފާޟިލާ މަރްޔަމް މުރުޝިދާ ތަނޑިރަތްމާގެ، ތ.ވިލުފުށިއަކީ އުމުރުން އެންމެ 15 އަހަރުން ފެށިގެން ރަށުގެ އަންހެނުންގެ ކޮމިޓީގައި މަސައްކަތް ކުރަން ފަށާ އަދިވެސް އެ މަސައްކަތުގައި ދެމިހުރި ލާމަސީލު ކަނބަލެކެވެ.
ސްކޫލް ދައުރުން ފެށިގެން ރަށުގެ ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފެދި، 1980 ވަނަ އަހަރު ރަސްމީ ގޮތެއްގައި އަންހެނުންގެ ކޮމިޓީގައި މަސައްކަތް ކުރަން ފެށި މުރުޝިދާ މި ދާއިރާގައި މަސައްކަތް ކުރައްވާތާ 36 އަހަރު ވެފައިވާއިރު ޚަޒާންދާރުގެ މަޤާމު ފިޔަވައި، އެހެން ހުރިހައި މަޤާމެއްގެ މަސްއޫލިއްޔަތު އަދާކޮށް 16 އަހަރާއި 8 މަސްދުވަހު ރައީސާގެ މަޤާމުގައި މަސްއޫލިއްޔަތު އަދާކޮށްފައިވެއެވެ.
ރަށުގައި އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއެއް އަދާކުރަންފެށި އަންހެންބޭފުޅަކު ކަމުގައިވެ، އެންމެ ފުރަތަމަ ޕެންޝަން ލިބިވަޑައިގެންނެވި އަންހެންބޭފުޅަކީވެސް މުރްޝިދާއެވެ. އަންހެނުންގެ ކޮމިޓީގެ ޚިދުމަތުގައި ދެމި ހުރެ ކޮމިޓީގެ މަސައްކަތްތަކުގެ އިތުރުން، އަންހެނުންގެ ހޮޓަލުގެ މެނޭޖަރުކަމާއި، އަންހެނުންގެ ބޭސްފިހާރައިގެ މެނޭޖަރުކަމާއި، ކާތިބުކަމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހިންގާ ޕްރީސްކޫލްގެ އިސްވެރިއާގެ މަޤާމު އަދާ ކުރެއްވީ އެއްވެސް އުޖޫރައަކާއި ނުލައެވެ.
އަންހެނުން ކުރިއެރުވުމާއި އަންހެނުންނަށް ތަފާތު މަސައްކަތް ދަސްކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިނގުމުގައި މުރްޝީދާ އަބަދުވެސް ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. އެގޮތުން ފަހާ ކޯސް ތަކާއި، ގަސްއިންދާ ހެއްދުމުގެ ރޮނގުން ތަމްރީނު ކުރުމާއި ހައިޑްރޮފޯނިކްސްގެ ތަމްރީނުތަކާއި އާމްދަނީ ހޯދޭނެ ތަފާތު ކަންކަމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްވަވާ، 100 އަށް ވުރެ ގިނަ މީހުން ތަމްރީން ކޮށްދެއްވާފައިވެއެވެ.
މުރްޝިދާގެ ހިތްވަރުގަދަ މަސައްކަތުގެ ނަތީޖާއިން 1997 ވަނަ އަހަރު މުޅިރާއްޖޭން އެންމެ ހަރަކާތްތެރި އަންހެނުންގެ ކޮމިޓީގެ ފަޚުރުވެރި އެއްވަނަ އެންމެ ފުރަތަމަ ވިލުފުށީ އަންހެނުންގެ ކޮމިޓީއަށް ޙާޞިލްކޮށްދެއްވާފައިވެއެވެ. އަދި ސުނާމީ ކާރިސާއަށް ފަހު ވިލުފުށީ ރައްޔިތުން ބުރުނީގައި އުޅެމުން ދިޔަ 5 އަހަރުތެރޭ މުރްޝިދާގެ އިސްނެގުމުގެ މަތިން ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކޮށްދެއްވާފައިވާ ބުރަ މަސައްކަތައް ވަނީ "ޢާންމު ޚިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް" ލިބިފައެވެ.
އަލްފާޟިލާ ސަމީނާ އިބްރާހިމް، ދޫރެސް، ތ.ވިލުފުށި އަކީ އިޖުތިމާޢީ ގޮތުން މީހުން ބާރުވެރިކުރުމަށް މެދުނުކެނޑި 48 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
ސަމީނާއަކީ، ވިލުފުށީ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް 1964 ވަނަ އަހަރު އަންހެނުންގެ ސަރުދާރެއްގެ ގޮތުގައި މަސައްކަތްކުރަންފަށާ 1979 ވަނަ އަހަރު ވިލުފުށީގައި އަންހެނުންގެ ކޮމިޓީއެއް ރަށު އޮފީހުން އުފެއްދެވުމުން އެކޮމިޓީގެ ޚިދުމަތާއިގުޅި ނަމޫނާ މަސައްކަތްތަކެއް ވެސް ކޮށްދެއްވާފައިވާ ފަރާތެކެވެ.
މާލޭގެ މަދަރުސަތުއް ސަނިއްޔާގައި ކިޔަވާވިދާޅުވާން އުޅުއްވުމަށްފަހު 1964 ވަނަ އަހަރު އުމުރުން 17 އަހަރުގައި ވިލުފުށީ އުތުރު އަވަށު ރަތްވިލާގެ ސަރުދާރެއްގެ ގޮތުގައި އިސްވެ އަންހެނުން ގޮވައިގެން ހިލޭ ސާބަހަށް ސަމީނާ މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި، އަންހެނުންގެ ޖަމްއިއްޔާގެ ހަރަދުތައް ބެލެހެއްޓުމަށް ކޮންމެ އަންހެނެއްގެ އަތުން ނެގޭ ތަކެތީގެ ހިސާބު ބެލެހެއްޓުންފަދަ މަސައްކަތްތަކުގެ އިތުރުން، 1979 ވަނަ އަހަރު އަންހެނުން ކޮމިޓީގެ ހަޒާންދާރުކަން ވެސް އެބޭފުޅާ ވަނީ ކުރައްވާފައެވެ.
1964 އިން 1990 ގެ އަހަރުތަކާއި ހަމައަށް އަންހެނުންކޮމިޓީގައި ސަމީނާ މަސައްކަތްކުރެއްވީ ހިލޭ ސާބަހަށެވެ. 1 ޖެނުއަރީ 1980ގައި ސަރުކާރުން ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިލޭސާބަހަށް ކިޔަވައިދިނުމުގެ މަސައްކަތް ވެސް ސަމީނާ ވަނީ ކުރައްވާފައެވެ.
އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހާސިލްކުރެއްވި، ވިލުފުށީގެ ދެ ކަނބަލުންނަށްވެސް ވިލުފުށީ ކައުންސިލްގެ ނަމުގައި އަދި ވިލުފުށީ ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކާމާއެކު މަރުޙަބާ ދަންނަވަމެވެ.