ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
ބަރަކާތްތެރި ރަމަޟާން މަހު ވިލުފުށީ ކައުންސިލުން އިންތިޒާމްކޮށްގެން "ރޯދަ އާއި މަޢުލޫމާތު" މިނަމުގައި ކުރިއަށް ގެންދާ ދީނީ ސުވާލު މުބާރާތުގެ ތެރެއިން މިއަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރީ އެކަމަށްޓަކައި ވިލުފުށީ ކައުންސިލް އިދާރާގެ ކޮންފަރެންސްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. މިހަފުލާ ޝަރަފުވެރިކޮށްދެއްވައިފައިވަނީ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޙުސައިން އަބްދުއްސަލާމް އާދަމްއެވެ.
2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދީނީ މަޢުލޫމާތު ފެތުރުމާއި ދީނީ މަޢުލޫމާތު ހޯދުމަށް ރައްޔިތުން ޝަޢުގުވެރިކުރުވުމުގެ އިތުރުން ދީނީ މަޢުލޫމާތު މުއްސަނދިކޮށްދީ، ދީނީ ކަންކަން އުނގެނުމަށް ރައްޔިތުންނަށް ހިއްވަރުދިނުމުގެ މަތިވެރި މަޤުޞަދުގައި ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދާ މި ސުވާލު މުބާރާތަކީ ވިލުފުށީގެ ރަށްވެހިންނަށް ޚާއްޞަކޮށްގެން، އަގުހުރި ބޮޑެތި އިނާމުތަކެއްވެސް ހުށަހަޅައިގެން ކައުންސިލުން ކުރިއަށް ގެންދާ އޮންލައިން މުބާރާތެކެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ދީނީ މުހިންމު މަޢުލޫމާތުތަކެއް ލިބިދޭގޮތަށް ފަރުމާކޮށް ކުރިއަށް ގެންދާ މިސުވާލު މުބާރާތުގައި ކޮންމެ ދުވަހެއްގެ ސުވާލު ފޭސްބުކަށް އަޕްލޯޑްކުރުމުގެ ކުރިން އެސުވާލުގެ ޖަވާބު ހިމެނޭ ވީޑިއޯ އެއް ނުވަތަ ލިޔުމެއް ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރާނެއެވެ. އެއަށްފަހު ސުވާލު އަޕްލޯޑުކޮށް ކަނޑައެޅޭ ވަކި ވަގުތެއްގެ ތެރޭގައި ޖަވާބު ދިން ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ރަނގަޅު ކުރި 3 ފަރާތަކަށް ހުށަހަޅާފައިވާ އިނާމުތައް ހަވާލުކުރެވޭނެއެވެ.
"ރޯދަ އާއި މަޢުލޫމާތު" މިނަމުގައި މިއަހަރު ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތައް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިމުބާރާތައްވެސް ކައުންސިލުން ވަނީ އަގުހުރި ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މުބަރާތުގެ 1 ވަނަ އަށް ޑީ ފުރިޖެއް ހުށަހަޅާފައިވާއިރު މުބާރާތުގައި އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށްގެން މި އިނާމު ހާސިލުކޮށްފައިވަނީ ތ.ވިލުފުށީ ލިލީގޭ ސުލްޠާނާ ޙަސަންއެވެ. އަދި މުބާރާތުގެ 2 ވަނަ އަށް ހުށަހަޅާފައިވާ އޮޓޯ ދޮންނަ މެޝިން ހާސިލުކޮށްފައިވަނީ ތ.ވިލުފުށީ ފޫޅުމައިގޭ މުޢާވިޔަތު ވާއިލްއެވެ. އަދި މުބަރާތުގެ 3 ވަނަ އަށް ހުށަހަޅާފައިވާ ކޮފީ މެޝިން ހާސިލުކޮށްފައިވަނީ ތ.ވިލުފުށީ ކޮތަބިރިގޭ އާމިނަތު މަލްދާ އެވެ. މިއަހަރުގެ މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ކަނޑައަޅާފައިވަނީ ގުރުތަރުތީބުކޮށްގެންނެވެ. އެއީ 3 ފަރާތެއްގެ ރަނގަޅު ޖަވާބުގެ އަދަދު އެއްވަރުވެފައިވާތީއެވެ.
