ވިލުފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމެޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އާއިއެވެ.
ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދުއެވެ.
ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓު ހިންގާނީވެސް އެމް.އޭ.ސީ.އެލްގެ ފަރާތުންނެވެ. މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.
